މިކައުންސިލަކީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގެ ދަށުން އުފައްދާފައިވާ، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ޝަޚުސެކެވެ. ކައުންސިލް އެކުލެވިގެންވަނީ ރަށުގެ ރައްޔިތުންގެ މެދުގައި ނެގޭ ސީދާ ވޯޓަކުން އިންތިޚާބުކުރެވޭ 7 މެންބަރުންގެ މައްޗަށެވެ. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސިވިލް ސަރވިސް މުވައްޒަފުންގެ މައްޗަށް އެކުލެވޭ އިދާރީ އޮނިގަނޑެއް ވަނީ ގާއިމުކުރެވިފައެވެ. މި އިދާރާގެ އެންމެހައި ޚިދުމަތްތަކެއް އަމާޒުކުރެވިފައިވަނީ ރަށުގެ ލާބަޔާއި މަންފާއަށްޓަކައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.